ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ރ. ދުވާފަރު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
ރ. ދުވާފަރު ފުޓްބޯޅަ އެކަޑެމީ ހުޅުވުމަށް އެ ރަށަށް ކުރެއްވި ދަތުރުގެ ހަވާސާގައި އެ ރަށު ކައުންސިލާ ވަޒީރު ބައްދަލުކުރެއްވީ އެ ރަށުގެ ކުޅިވަރުގެ ހާލަތު އައްސަވައި، ކުޅިވަރު ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
މި ބައްދަލުވުމުގައި ދުވާފަރު ކައުންސިލުން ވަނީ އެ ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކުގެ ތަފްސީލްތަކާއި، އެ ރަށަށް އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަޒީރަށް މަޢުލޫމާތު ހިއްސާކޮށްފަ އެވެ. މިގޮތުން އެންމެ ބޮޑަށް އެ ކައުންސިލުން އެދުނީ ފެންވަރު ރަނގަޅު ވޮލީބޯޅަ ކޯޓެއް ރަށުގައި ގާއިމްކޮށްދެއްވުމެވެ.
ވަޒީރު ރާފިޢު ވަނީ މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދުވާފަރަށް ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކޮށްދެއްވާނެކަންކަމާ ގުޅޭގޮތަށް މަޝްވަރާކުރައްވާފަ އެވެ.