މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މެންޑޭޓް

1.      ކުޅިވަރާއި ފިޓްނަސްގެ ދާއިރާ ތަރައްޤީކުރުމާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
2.      ކުޅިވަރުގެ އެކިއެކި ދާއިރާތަކުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅުންތެރިން ބިނާކުރުމަށް، ކުޅިވަރުގެ ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
3.      ދުޅަހެޔޮކަމާއި، ކުޅިވަރުގެ ހުނަރު ދެނެގަނެ ތަރައްޤީކުރުމާއި، ވާދަވެރިކަން އުފެއްދުމާއި، އަޚުވަންތަ އެކުވެރި ރޫހު ކުރިއެރުވުމަށް އިސްކަންދީގެން އެކިއެކި ކުޅިވަރުގެ ދާއިރާތަކާއި ފިޓެންސްގެ ދާއިރާތައް ޕްރޮމޯޓްކުރުން.
4.      ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ޤައުމީ ފެންވަރުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތްކުރުން.
5.      ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް ކުޅިވަރުގެ ޤައުމީ ލަނޑުދަނޑިތަކާއި އެއް މިސްރާބުކުރުމަށް ކަމާބެހޭ އިދަރާތަކާ ގުޅިގެން މަސައްކަތްކުރުން.
6.      ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުޅިވަރުގެ އެކިއެކި ދާއިރާތަކުން ފުރުޞަތު ހޯދައިދިނުމާއި، އެ ފަރާތްތަކަށް ކުޅިވަރުގެ ހުނަރު ތަރައްޤީކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
7.      އެކި ޢުމުރުފުރާތަކަށް ޚާއްޞަކޮށްގެން ތަފާތު ކުޅިވަރު މުބާރާތްތަކާއި އިވެންޓްތަކާއި، ކުޅިވަރުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާވައި އިންތިޒާމުކުރުން.
8.      ކުޅިވަރާއި ފިޓްނަސްގެ ހަރަކާތްތަކުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތަކަށް ވާސިލުވުމަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.
9.      ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) ގައި ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ކަނޑައަޅައިފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ކޮމިޝަނަރއަށް ފޯރުކޮށްދިނުންް.
10. ކުޅިވަރާއި ފިޓްނަސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސެމިނަރ، ވަރކްޝޮޕްފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން. އަދި، އެފަދަ ކަންކަން އިންތިޒާމުކުރާ ކްލަބް ޖަމުޢިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
11. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރާ ގުޅުންހުރި ކްލަބް ޖަމުޢިއްޔާތަކުގެ މަސައްކަތްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
12. ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކުގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.
13. ކުޅިވަރު ކުޅޭ ޤައުމީ ފެންވަރުގެ ތަންތަނާއި ވަސީލަތްތައް ޤާއިމުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
14. ކުޅިވަރުކުޅޭ ޤައުމީ ފެންވަރުގެ ތަންތަނާއި ވަސީލަތްތައް ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެތަންތަން ބޭނުންކުރަމުންދާ ގޮތް މޮނިޓަރކުރުން.
15. ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި، ބިންތަކާއި، ޢިމާރާތްތަކާއި، ކުޅިވަރުކުޅޭ ކޯޓުތަކާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މިނިސްޓްރީގެ ދަށުގައި ހުރި ޒުވާނުންގެ މަރުކަޒުތައް ބެލެހެއްޓުން.
16. މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި، ބިންތަކާއި، އިމާރާތްތަކާއި، ކުޅިވަރުކުޅޭ ކޯޓުތަކާއި، ކުޅިވަރުގެ ވަސީލަތްތައް ކުޅިވަރާއި ފިޓްނަސްގެ ބޭނުންތަކަށް ދޫކުރާނެ އުސޫލުތައް އެކުލަވައިލައި، އެކަންތައްތައް ހިންގުން.
17. ފިޓްނަސްގެ ދާއިރާގެ ޚިދުމަތްދިނުމުގެ އުސޫލުތައް އެކުލަވާލައި، އެ ދާއިރާގެ ޚިދުމަތްތައް ރެގިއުލޭޓްކުރުން.
18. ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން، ފިޓްނަސްގެ ދާއިރާގައި ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމާއި، އެތަންތަން ރެގިއުލޭޓްކުރުން.
19. ކުޅިވަރާއި ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ފަންނީ މީހުންގެ ދަފުތަރުކުރުމާބެހޭ އުސޫލެއް އެކުލަވައިލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަންނީ މީހުންގެ ދަފުތަރު އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުން.
20. ކުޅިވަރާއި ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ފަންނީ މީހުން ގިންތިކުރުމުގެ ނިޒާމެއް އެކުލަވައިލައި، އެ ނިޒާމުގެ ދަށުން ކުޅިވަރާއި ފިޓްނަސް ދާއިރާގެ ފަންނީ މީހުން ގިންތިކުރުން.
21. ކުޅިވަރާއި ފިޓްނަސް ދާއިރާ ތަރައްޤީކުރުމަށާއި، އެ ދާއިރާތައް ރެގިއުލޭޓުކުރުމަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
22. ނިއުޓްރިޝަނަލް ސަޕްލިމެންޓް ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުން ކުޅިވަރާއި ފިޓްނަސްގެ ދާއިރާތަކުގައި ހުރި ފުރުޞަތުތަކާއި ކުޅިވަރުގެ ހުނަރު ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.
23. ކުޅިވަރާއި ފިޓްނަސްގެ ދާއިރާގެ ތަފާސްހިސާބުތައް ބަލަހައްޓާނެ މިންގަނޑުތައް ކަނޑައަޅައި، އެ ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުން.
24. ކުޅިވަރާ ގުޅުންހުރި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިޙްތިފާލުތައް ބޭއްވުން.
25. ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު)ގެ ދަށުން އުފައްދާފައިވާ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ އިދާރީ އިންތިޒާމުތައް ބެލެހެއްޓުމާއި، އެ މަޖިލީހަށް ކަނޑައަޅައިފައިވާ ޒިންމާތައް އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
26. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
27. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަޤުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
28. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
29. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ހިނގަމުންދާނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ ދަށުންނެވެ.
(ހމޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަސައްކަތްތައް
1.     ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަޤްޞަދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މަޤްޞަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.