އުރީދޫ ފަން ރަންގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އައު

21 ޑިސެމްބަރު 2024

އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ މަޖާ އަދި ބޮޑު ދުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އެވެ. 
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ފެށި މި ދުވުން ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް އެވެ.  ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދްއަލް ހަމާދީ އާއި އެ ކުންފުނީގެ އިސްވެރިންވެސް މި ދުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. 
6000އަށްވުރެ ގިނަ ބައިވެރިންނާއިއެކު ކުރިއަށްދިޔަ މި ދުވުމުގައި ކުލަޖެެހުމާއިއެކު، އާއިލާއާއިއެކު މަޖާ ވަގުތުތަކެއް ހޭދަކުރެވޭނެކަހަލަ ހަރަކާތްތަކެއް ކުރިއަށްދިޔަ އެވެ. 
އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުން ޕްރޮމޯޓުކޮށް އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ދުވުމެކެވެ. މި ދުވުން މާލެ ސަރަހައްދުން ބޭރުގައި ވެސް މީގެ ކުރިން ބާއްވާފައިވެ އެވެ.