ޗައިނާ ސަރުކާރުގެ ފަރާތުން ޓޭބަލް ޓެނިސް ކުޅޭ ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފި

29 ޖެނުއަރީ 2024

ޗައިނާ ސަރުކާރުގެ ފަރާތުން ޓޭބަލް ޓެނިސް ކުޅޭ ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފި އެވެ.  
މާލޭ ޓީޓީ ހޯލްގައި އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ކުޅިވަރު ސާމާނާ ހަވާލުވެވަޑައިގެންނެވީ ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޟް އެވެ.  ޗައިނާ ސަރުކާރުގެ ފަރާތުން ސާމާނުތައް ހަދިޔާކުރެއްވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީއު ވޮން ލީ ޝިން އެވެ. 
ޗައިނާގެ ސަފީރު ވަން ލީ ޝިން ވިދާޅުވި ރައީސް މުޙައްމަދު މުއިއްޒުގެ ތަޞައްވުރާއިއެކު ރާއްޖޭގެ ކުޅިވަރު އާ އުސްމިންތަކަކަށް ގެނެސްދިނުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެކަމަށެވެ. މިއަދު ވެދެވުނު އެހީއާއިއެކު ރާއްޖޭގެ ޓޭބަލް ޓެނިސް އިތުރަށް ކުރިއަރާނެކަމަށް އުއްމީދުކުރަައްވާކަމަށްވެސް ލީ ޝިން ވިދާޅުވި އެވެ. 
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޟް ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ކުޅިވަރަށް ދެއްވާ އެހީތެރިކަން އުފަލާއިއެކު ބަލައިގަންނަވާކަމަށާއި، މިއީ ދިވެހި ކުޅިވަރު ކުރިއެރުވުމަށް ލިބުނު ހިތްވަރެއްކަމަށެވެ. 
ޗައިނާ ސަރުކާރުން މިއަދު ހަދިޔާ ކުރި ޓީޓީ ސާމާނުތަކުގެ ތެރޭގައި ހިމެނެނީ 10 ޓީޓީ މޭޒާއި، 600 ރެކެޓާއި، 3000 ބޯޅައިގެ އިތުރުން ސްކޯ ބޯޑުތަކާއި ޓައިމްއައުޓް ސައިން ތަކެވެ.
މިއަދު އޮތް ރަސްމިއްޔާތުގެ ޗައިނާ އެމްބަސީގެ އިސްވެރިންނާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވި އެވެ. 
ޗައިނާ އަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. މިގޮތުން މީގެ ކުރިންވެސް ޓޭބަލް ޓެނިސް އަދި ބާސްކެޓް ކަހަލަ ކުޅިވަރުތައް ކުރިއެރުވުމަށް ގިނަ އެހީތަކެއްވަނީ ވެފަ އެވެ. ޓޭބަލް ޓެނިހަށް ބަލާއިރު، ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ޗައިނާ ސަރުކާރުން އަންނަނީ އެހީވަމުންނެވެ.
ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ގައުމީ ޓީމެއް އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެއްގައިވެސް ވާދަކުރީ 1973 ވަނަ އަހަރު ޗައިނާގައި އޮތް މުބާރާތެއްގަ އެވެ.