ސްރީ ލަންކާގެ ކެންޑީގައި ކުރިއަށްދިޔަ އެ ގައުމުގެ
ގައުމީ މުބާރާތުގައި ވާދަކޮށް ބޮޑު ކާމިޔާބެއް ހޯދި ރާއްޖޭގެ ސްވިމިންގ ޓީމާއި މިނިސްޓަރ
ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ރާފިޢު ގައުމީ ސްވިމިންގ ޓީމާއި ބައްދަލުކުރެއްވީ
މިއަދު ހެނދުނުއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި
ބައްދަލުވުމުގައި ކުޅިވަރާއި ބެހޭ ވަޒީރު ރާފިޢުގެ އިތުރުން ސްވިމިންގ އެސޯސިއޭޝަންގެ
ރައީސް މުހައްމަދު ޢަބްދުއްސައްތާރު އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ވަނީ
ބައިވެރިވެވަޑައިގެންފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ 1 ރަން މެޑަލް
އާއި 6 ރިހި މެޑަލް އަދި 8 ބްރޯޒް މެޑަލް ހޯދާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ރާފިޢު ވަނީ ސްވިމިންގ
ޓީމުން ސްރީލަންކާގެ ގައުމީ ފެތުމުގެ މުބާރާތުގައި ވާދަކޮށް ބޮޑު ކާމިޔާބީއެއް
ހޯދުމުން އެކަމަށްޓަކައި ސްވިމިންގ ޓީމަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިޔަށް
އޮތްތަނުގައިވެސް ބައިނަލްއަޤުވާމީ މުބާރާތްތަކުން ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް
މަސައްކަތް ކުރުމަށް އެންމެހާ ފެތުންތެރިންގެ ކިބައިން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
އަދި ދިވެހި ފެތުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް
އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް
މަސައްކަތް ކޮށްދެއްވާނެކަމަށާއި، އެގޮތުން ހުޅުމާލޭގައި ގާއިމްކުރާ ސްވިމިންގެ
ޕޫލްގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށިގެންދާނެކަމަށް މިނިސްޓަރ ރާފިޢު
ވަނީ ވިދާޅުވެފައެވެ.