ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯޅަ ކޮމްޕްލެސް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފި

24 ފެބްރުއަރީ 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ، ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯޅަ ކޮމްޕްލެސް އެޅުމަށް ބޭނުންވާ ބިން ރަސްމީކޮށް ހަވާލުކޮށްފި އެވެ. 
ހުޅުމާލޭ، ފޭސް 2 ގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯޅަ ކޮމްޕްލެސް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިއު އާއި މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުހައްމަދު ޝަފީގު އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރު، ޢަބްދުﷲ ރާފިއު ވިދާޅުވީ، މިއީ ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް އެޅޭނެ އެންމެ ބޮޑު ދެ މަލްޓިޕާޕަސް ކޮމްޕްލެކްސް ކަމަށާއި، މި ދެ އިމާރާތާއިއެކު ކުޅިވަރަށް  އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. 
މިނިސްޓަރ ރާފިއު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޅިވަރަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެ ކުންފުނީގެ ފަރާތުން ސްޕޯޓްސް މިނިސްޓްރީ އިން ބޭނުންވާ އެހީތެރިކަމަށް އެއްބާރުލުން ދެއްވަން އަބަދުވެސް ތައްޔާރަށް ހުންނެވިކަމަށާއި، ކުޅިވަރަކީ ޒުވާނުންނާ ގުޅުން ބޮޑު ކަމަކަށްވެފައި، ކުޅިވަރު ކުރިއެރުވުމަށް އެ ކުންފުނިންވެސް ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. 
ހުޅުމާލޭގައި ގާއިމްކުރާ ފުޓްސަލް ކޮމްޕްލެކްސް އަޅާނީ ދެވަނަ ފޭސްގެ ހިޔާ ފްލެޓް ޓަވަރު 16ގެ ކުރިމަތީގައި އޮންނަ ބިމުގަ އެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް އަޅަން ހަމަޖެހިފައިވަނީ ޢާޒީ ސްކޫލް ކުރިމަތީގައި އޮންނަ ބިމުގަ އެވެ. ފުޓްސަލް ކޮމްޕެލްކްސް އަޅާ ބިމުގައި ބޮޑު މިނަކީ 54،992 އަކަފޫޓެވެ. އަދި  ނެޓްބޯޅަ ކޮމްޕްލެކްސް އަޅާ ބިމުގެ ބޮޑު މިނަކީ 50،142 އަކަފޫޓެވެ.