ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

04 ޖެނުއަރީ 2024

ސަރުކާރުގެ ފުރަތަމަ "ހަފްތާ 14" ވައުދުތަކުގެ ތެރޭގައި ހިމެނޭ ޤައުމީ އަދި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ.
އެމްއޯސީއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުޅިވަރު ކުޅޭ ތަންތަނުގައި ހުރުން ލާޒިން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުޅިވަރު ވުޒާރާއިން ކުރަމުން އަންނަ މަސައްކަތުގައި އެމްއޯސީން އިސްދައުރެއް އަދާކުރާނެ އެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުޅިވަރު ވުޒާރާއިން އެކުލަވާލައިފައިވާ މަގު ޗާޓުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމުގައި އެމްއޯސީން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.