ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި

19 ފެބްރުއަރީ 2024

'ނެޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑަރސް'ގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފި އެވެ. 
ކުރީގެ ޤައުމީ އެތުލީޓުންގެ މައްޗަށް އެކުލެވޭ 'ނެޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑަރސް'ގެ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން ރަޖިސްޓްރީވުމަށް ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ކުޅިވަރު ވަޢުދެކެވެ. 
މިއަދު ހެންވޭރު ބޯޅަގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވީ، ކުޅިވަރަށް އެތައް ގޮތަކުން ހަރަދުކޮށް، އަމިއްލަ ހަޔާތް ކުޅިވަރަށް ޚިދުމަތްކުރުމުގައި ހޭދަކޮށްފައިވާ ގިނަ ފަރާތްތަކެއް އެބަތިބިކަމަށާއި، މި ފަދަ ހިދުމަތްތެރިންގެ އަގުވަޒަންކުރުމަކީ މުހިންމުކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި މިފަދަ ކަމެއް މިހާ އަވަހަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން އެކަމަށް މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޚަބާ ދަންނަވާފަ އެވެ. 
ކުޅިވަރު މިނިސްޓްރީގެ މީސް ޕޯޓަލްގެ ތެރެއިން 'ނެޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑަރސް'ގެ ދަފްތަރުގައި ރަޖިސްޓްރީވެވޭނެ އެވެ. ރަޖިސްޓްރީވާން ހުށަހަޅާ ފަރާތްތަކުގެ ވަނަވަރުތައް އިވެލުއޭޓްކުރުމަށް ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. އަދި މި ކޮމިޓީ އިން ހުރިހާ އެޕްލިކޭޝަންތަކެއް އިވެލުއޭޓްކުރުން ކުރިއަށްދާނީ އެސޯސިއޭޝަންތަކާވެސް ގުޅިގެންނެވެ.
'ނެޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑަރސް'ގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް ގިނަ ޒިންމާތަކެއްވަނީ މަތިކޮށްފަ އެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގައި އެކުލަވާލެވޭ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުޅިވަރުގެ އެކި ޖަމިއްޔާތަކާއި ގުޅީގެން ކުޅިވަރު ކުރިއެރުވުމަށް އެހީތެރިވެދިނުން ހިމެނެ އެވެ. 
ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ އުސޫލު މާދަމާ ގެޒެޓްކުރާނެ އެވެ. މި އުސޫލުގައި ވެޓެރަންސް އެމްބެސެޑަރުންނަށް ރަޖިސްޓްރީވެވޭ ޝަރުތުތަކާއި، އެމްބެސެޑަރުންގެ ޒިންމާތަކާއި ލިބޭ މަންފާތައް ވަނީ ހިމަނާފަ އެވެ.