ސޯޝަލް ސެންޓަރުގައި ގާއިމްކުރި މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

16 ޖެނުއަރީ 2024

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ އިފްތިތާޙްކޮށްދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފެސިލިޓީ އިފްތިތާޙްކޮށްދެއްވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާ، ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންގެ އިތުރުން ކުޅިވަރު އެތުލީޓުން ވަނީ ބައިވެރިވި އެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމަކީ ސަރުކާރުގެ ހަފްތާ 14 ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރާ ގުޅުންހުރި ހަތް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ.
މިއީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި މިފަދަ ފެސިލިޓީއެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މި ސަރުކާރުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިޔަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެތަން ބައްލަވާލެއްވި އެވެ. މީގެ އިތުރުން މިއަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓްބޯލް މެޗެއް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.