ސަރަހައްދީ މުބާރާތުގައި ވާދަކުރާ ޖޫނިއާ ބެޑްމިންޓަން ޓީމަށް މިނިސްޓަރ ރާފިޢު ހިތްވަރު ދެއްވައިފި

21 ފެބްރުއަރީ 2024

ދެކުނު އޭޝިއާގެ 17 އަހަރުން ދަށާއި، ފަނަރަ އަހަރުން ދަށުގެ ރީޖަނަލް ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ކުޅުންތެރިންނާ ބައްދަލުކުރައްވާ، އެޓީމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު ހިތްވަރު ދެއްވައިފި އެވެ. 
އަންނަ މާޗް މަހުގެ 3-7 އަށް ޕާކިސްތާންގެ އިސްލާމްއާބާދުގައި ކުރިއަށްދާ ސަރަހައްދީ ޖޫނިއާ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެއީ ފިރިހެން ހަތަރު ކުޅުންތެރިންނާއި، އަންހެން ހަތަރު ކުޅުންތެރިންނެވެ. 
ޖޫނިއާ ޓީމްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ މިނިސްޓަރ ރާފިޢު ވަނީ ޖޫނިއާ އުމުރުފުރާގެ ކުޅުންތެރިން ކުޅިވަރުގައި ކުރިއަށްދާން ކުރާ މަސައްކަތަށް ހިތްވަރު ދެއްވާފަ އެވެ. އަދި ކުރިއަށް އޮތް މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. 
ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އާއި އެ އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން ކުޅުންތެރިންގެ ބެލެނިވެރިން ބައިވެރިވި އެވެ.