18 ވަނަ އޭޝިއަން ފެޑެރޭޝަން އޮފް ސްޕޯޓްސް މެޑިސިން ކޮންގްރެސް އަދި 8 ވަނަ އައި.އެސް.އެން އިންޓަރނޭޝަނަލް ސްޕޯޓްސް މެޑިސިން އެންޑް ސްޕޯޓްސް ސައިންސް ކޮންފަރެންސްގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންގްރެސް ކުރިޔަށް ގެންގޮސްފައިވަނީ މި އޭޕްރިލް މަހުގެ 26 އިން 28 ގެ ނިޔަލަށް މެލޭޝިއާގައެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ކޮންގްރެސް ރަސްމީކޮށް ހުޅުއްވައިދެއްވީ މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ޑރ. ވަން އަޒިޒަހް ވަން އިސްމާއިލް އެވެ.
މި ކޮންގްރެސްގައި މިނިސްޓަރ ރާފިޢު ވަނީ ރާއްޖޭގެ "ލޯންގް ޓާރމް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖިކް ޕްލޭނިން އޮފް ސްޕޯޓްސް" އާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ކޮންގްރެސްގައި ހުށަހަޅުއްވައިދެއްވާފައެވެ.
މި ކޮންގްރެސްގެ ތެރެއިން މިނިސްޓަރ ރާފިޢު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ޑރ. ވަން އަޒިޒަހް ވަން އިސްމާއިލް އަދި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ހަންނާހް ޔެއޯ އާ ބައްދަލުކުރައްވާ، ރާއްޖޭގެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މެލޭޝިއާ އާއި ދިވެހިރާއްޖެ އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ވަރަށް އަވަހަށް ސޮއިކުރައްވާނެއެވެ.