އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރަސްމީކޮށް އިއުލާކޮށްފި

28 މާރިޗު 2024

އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތްކަމަށްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އަންނަ މަހުގެ 27 އިން މެއި މަހުގެ 1 އަށް މާލޭގައި އޮންނަ މުބާރާތް ރަސްމީކޮށް އިއުލާންކޮށްދެއްވީ މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢު އެވެ. 
10 އަހަރަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހު ރާއްޖޭގައި ބާއްވާއިރު، އޭޝިއާގެ ކެރަމްގެ ގަދަ ބާރުތަކުން މި މުބާރާތުގައި ވާދަކުރާނެ އެވެ. މިގޮތުން ދުނިޔޭގައިވެސް އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އަދި ލަންކާ އިން މިހާރުވަނީ މުބާރާތުގައި ކުޅޭނެކަން ޔަގީންކޮށްދީފަ އެވެ. 
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުބާރާތް ބާއްވަން އިސްނަގައި ކެރަމް އެސޯސިއޭޝަނުން ކުރި މަސައްކަތް ފާހަގަކުރައްވާކަމަށާއި، މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމުގައިވެސް އެސޯސިއޭޝަނުން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 
މުބާރާތުގައި ވާދަކުރުމަށް އޭޝިއާގެ 12 ގައުމަކަށް ދައުވަތު ފޮނުވާފައިވާއިރު، މިހާތަނަށް ހަ ގައުމަކުންވަނީ ވާދަކުރާނެކަން ޔަގީންކޮށްދީފަ އެވެ. 
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި 100 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެ އެވެ.