ލ. ފޮނަދޫގެ ކުރިމަގު އަވަށުގައި މީހުން އާބާދުވި ސަރަހައްދުގައި ފުޓްސަލް ދަނޑެއް އަޅަން ވަވެލް އިންވެސްޓްމަންޓާއި ހަވާލުކޮށްފި އެވެ.
ފޮނަދޫ ކުރިމަގު އަވަށުގައި އަޅާ ފުޓްސަލް ދަނޑުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ނިހާދު އެވެ. ވަވެލް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުޙައްމަދު ފަޒީލް އެވެ.
ވަވެލް އިންވެސްޓްމަންޓާއިއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން 42 ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ނިންމަން ޖެހެ އެވެ. ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތުގެ އަގަކީ 1،590،568.92 (އެއް މިލިއަން ފަސް ލައްކަ، ނުވަދިހަ ހާސް، ފައްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ، ނުވަދިހަ ދެ ލާރި) އެވެ.
ރަށް ރަށުގައި ގާއިމްކުރާ ކުޅިވަރު ވަސީލަތްތަކުގެ ތެރެއިން ފުޓްސަލް ދަނޑުތަކާއި، ވޮލީކޯޓުތައް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް މި ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.