ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަނަށް ޒިޔާރަތް ކުރައްވައި ޙާލަތު މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ބައްލަވާލައިފިއެވެ.
މި ތަންތަނައް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރުގެ އަރިހުގައި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޕަރމަނަންޓް ސެކްރެޓަރީ ޙުސައިން ޝަރީފް އަދި މި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ބަލަހައްޓަމުން އަންނަ މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހުޅުމާލޭ ސިންތެޓިކް ޓްރެކަށެއެވެ. އެއަށްފަހު މިނީ ސްޕޯޓްސް ކޮމްޕްލެކްސް އަށް ޒިޔާރަތްކުރައްވައި އެތަނުގައި އެކިއެކި ކުޅިވަރުތައް ކުޅުމަށް ޤާއިމްކޮށްފައިވާ ތަންތަން ބައްލަވާލެއްވިއެވެ.
ސްޕޯޓްސް ކޮމްޕްލެކްސްއަށް ފަހު ދެން މިނިސްޓަރ ވަޑައިގެންނެވީ ހުޅުމާލޭ ފޭސް 2 ގައި ޤާއިމްކޮށްފައިވާ 2 ފުޓްސަލް ދަނޑު ބައްލަވާލެއްވުމަށެވެ. އަދި އެއަށްފަހު ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިން ހިމެނޭ ސަރަހައްދަށް ވަޑައިގެން އެތަންވެސް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ހިޔާ ފްލެޓް 12 ގައި ޒުވާނުން ކުޅިވަރުތައް ކުޅުމަށް ޤާއިމްކޮށްފައިވާ ޔޫތު ސެންޓަރއަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާލެއްވިއެވެ. އެއަށްފަހު ފޭސް 1 ގައި ޤާއިމްކޮށްފައިވާ ފުޓްސަލް ދަނޑުތަކަށް ވަޑައިގެން އެ ދަނޑުތަކުގެ ޙާލަތު މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.