ހުޅުމާލޭގައި އަޅާ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް އާއި ސާފިން އެރީނާގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔަތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައ އެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން ވަނީ ކުޅިވަރު ދާއިރާގެ މުހިންމު މަޝްރޫޢުތަކެއް ފާހަގަކުރައްވާފަ އެވެ.
ހުޅުމާލޭގައި އަޅާ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ނެޓްބޯޅަ ކޮމްޕްލެކްސް އަޅަނީ ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ހުސް ބިމުގަ އެވެ. ފުޓްސަލް ކޮމްޕްލެކްސް އަޅަނީ ފޭސް ދޭއްގެ ހިޔާ ފްލެޓްތައް ކައިރީގައި އޮންނަ ހުސް ބިމުގަ އެވެ. ފަސް ދަނޑު ހިމެނޭ ގޮތަށް ތަރައްޤީ މި ކުރާ ކޮމްޕްލެކްސް އަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ތަނަކަށް ވާނެ އެވެ. އަދި މި އެރީނާގެ ތެރޭގައި މަލްޓި ޕާޕަސް ހޯލްތަކާއި، ކުޅިވަރުގެ އެހެނިހެން ވަސީލަތްތައްވެސް ހިމެނޭނެ އެވެ.
ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ނިންމައި، ޕްރީ ޓެންޑަރިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ދެ ކޮމްޕްލެކްސް ގާއިމު ކުރެވިގެންދާނީ 53 ހާސް އަކަފޫޓުގެ ސަރަހައްދެއްގައެވެ.
މާލޭ ރާޅުގަނޑު ސަރަހައްދުގައި އަޅާ ބައިނަލްއަޤްވާމީ ސާފިން އެރީނާގެ މަސައްކަތަކީ މާލޭގެ މަލަމަތި ކޮށްލާނެ މަޝްރޫޢުއެކެވެ. މިގޮތުން ސާފިން އަދި ބޮޑީބޯޑިން އަށް ހާއްސަ މި އެރީނާ އެޅުމަށް މިހާރު ވަނީ ރާޅުގަނޑު ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ސާފިން އަކީ 2026 ވަނަ އަހަަރުގެ އޭޝިއަން ގޭމްސްގެ ކޮލިފައިން ޖާގަ އެއް ހޯދާފައިވާ ކުޅިވަރެކެވެ. 2024ގައި އޮތް އޭޝިއަން ޗެމްޕިއަންޝިޕްގައި ރަނގަޅު ކާމިޔާބެއް ހޯދައި ސާފިންގެ އަންހެން އަދި ފިރިހެން ޓީމުންވެސް ވަނީ 2026 ވަނަ އަހަރު ޖަޕާންގައި އޮންނަ އޭޝިއަން ގޭމްސް އަށް ކޮލިފައިވެފަ އެވެ.