ފޮނަދޫގައި ކުރިއަށްދިޔަ އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯސް ނިންމާލައިފި

02 ޖޫން 2025

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މިދިޔަ މެއި މަހުގެ 19 އިން 30 އަށް ލ.ފޮނަދޫގައި ކުރިއަށް ގެންދިޔަ އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ލ.ފޮނަދޫ ކައުންސިލާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅިގެން ފުޓުބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ގޮތުން 12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޯހުގައި 23 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ކޯހުގައި ކިޔަވައިދެއްވީ އެފްއޭއެމްގެ ތަޖުރިބާކާރު ރެފްރީން ކަމުގައިވާ މުހައްމަދު ޝާޒްލީ އާއި އަލީ ނިޝްތާރު މުހައްމަދު އެވެ.
އެމްއެންއައިސްއިން ވިދާޅުވިގޮތުގައި މި ކޯސް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ފޮނަދޫ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.
ދާދިފަހުން އެމްއެންއައިއެސް އިން ވަނީ, ޅ.ނައިފަރު އަދި ކ.ކާށިދޫގައިވެސް މި ކޯސް ހިންގާފައެވެ. އެގޮތުން އެ ދެކޯހުގައި ޖުމްލަ 38 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.