ދ. ކުޑަހުވަދޫގައި ގާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ހުޅުވައިިފި

07 ޑިސެމްބަރު 2024

ދ. ކުޑަހުވަދޫގައި އަލަށް ގާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ހުޅުވައިިފި އެވެ.
ކުޑަހުވަދޫގައި ގާއިމްކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ކުޑަހުވަދޫގައި އެޅި ވޮލީކޯޓަކީ މިދިޔަ ޖުލައި މަހު ވަޒީރު ރާފިޢު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލް އެދުނު މަސައްކަތެކެވެ. ކުޅިވަރު ވުޒާރާގެ އެއްބާރުލުމާއިއެކު މި މަސައްކަތް ފުރިހަމަކޮށްފައިވަނީ ކުޑަހުވަދޫ ކައުންސިލުންނެވެ. މިގޮތުން މިއަމަލީ މަސައްކަތް ފެށިތާ ދެ މަސްތެރޭގައި ކޯޓުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު ވަނީ ކުޑަހުވަދޫ ކައުންސިލުން އެ ރަށުގައި ކުޅިވަރު ތަރައްގީކުރުމަށް ކުރައްވަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި މިއީ އެހެން ރަށްތަކަށް ހުރި ނަމޫނާ ކައުންސިލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވި އެވެ.
ކުޑަހުވަދޫ އައުޓްޑޯ ވޮލީކޯޓު ހުޅުވުމަށް ހާއްސަ ވޮލީބޯޅަ މެޗެއްވެސް ވަނީ ކުޅެފަ އެވެ. މި މެޗުގައި ވާދަކުރީ ރިއު މޯލްޑިވްސްގެ ޓީމަކާއި ކުޑަހުވަދޫ ވޮލީ ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކުޑަހުވަދޫ ޓީމެވެ.