28 ރަށެއްގައި ޤާއިމްކުރެވިފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑުތައް ޔޫތް މިނިސްޓްރީން ހަވާލުކޮށްފިއެވެ.
މި ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑުތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން މި ބޯޑުތައް ހަވާލުކޮށްދެއްވި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފްއެވެ. އަދި މި ރަށްތަކުގެ ފަރާތުން ބޯޑުތަކާއި ހަވާލުވެލެއްވީ މި ރަށްތަކުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
ބިލިއާޑު ބޯޑު ހަވާލުކުރި ރަށްތަކަކީ، ހއ.ކެލާ، ހއ.މޮޅަދޫ، ހއ.ފިއްލަދޫ، ހއ.ދިއްދޫ، ހއ.ތަކަންދޫ، ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މާއުނގޫދޫ، ނ.ކެނދިކުޅުދޫ، ރ.އުނގޫފާރު، ކ.މާފުށި، ހިންމަފުށި، އދ.ފެންފުށި، އދ.ދިއްދޫ، މ.މުލައް، މ.ދިއްގަރު، ފ.މަގޫދޫ، ތ.ތިމަރަފުށި، ތ.މަޑިފުށި، ލ.ގަން، ލ.މާބައިދޫ، ގއ.ވިލިނގިލި، ގއ.ކޮލަމާފުށި، ގއ.ދާންދޫ، ގދ.ހޯނޑެއްދޫ، ގދ.ތިނަދޫ، ގދ.މަޑަވެލި އަދި ސ.ހިތަދޫއެވެ. މީގެ އިތުރުން ހުޅުމާލެ ޔޫތް ސެންޓަރަށްވެސް މިނިސްޓްރީގެ ފަރާތުން ވަނީ ބިލިއާޑް ބޯޑެއް ހަވާލުކޮށްފައެވެ.
ބޯޑުތައް ހަވާލުކުރުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ އަޙުމަދު މަޙްލޫފް ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގައި މުނިފޫހި ފިލުވުމާއި، ކުޅިވަރު ކުޅުމަށްޓަކައި ފަހިކޮށްދެމުންދާ ފުރުސަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. އަދު ރަށްތަކުގެ ލިސްޓު އެކުލަވާލީ ޒުވާނުންގެ މަރުކަޒު ހުރި ރަށްތަކާއި، ބިލިއާޑް ބޯޑަށް ރިކުއެސްޓު ލިބިފައިވާ ރަށްތަކަށް ބަލައިގެން ކަމަށެވެ.
ޔޫތު މިނިސްޓްރީން އަންނަނީ ރަށްރަށަށް ބޭނުންވާ ކުޑަކުދިންގެ ޕާކު ސާމާނާއި، އައުޑް ޑޯ ޖިމްގެ ސާމާނު ވެސް ފޯރުކޮށްދެމުންނެވެ.