ޒޯން ހަޔެއްގެ "ހަށިހެޔޮ ރާއްޖެ" ލީޑާރސް ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.
ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ ފަހު ޒޯންގައި ބައިވެރިވީ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ސްޕޯޓްސް ކައުންސިލާސް އާއި ޔޫތު އެސޯސިއޭޓުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
މި ޕްރޮގްރާމްގައި ފިޓްނަސްއާ ގުޅުންހުރި އެކި އެކި މައުލޫމާތުތަކާއި، އެކި އެކި ފިޓްނަސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ގޮތްތައް ވަނީ ބައިވެރިންނަށް ކިޔައިދީފަ އެވެ.
ޒޯން ހަޔެއްގެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން އެ ވުޒާރާގެ އިސްވެރިންނާއި، ގދ. ތިނަދޫ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ޒޯން ހަޔެއްގައި ނިމުނު ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމާއިއެކު ރާއްޖޭގެ ހުރިހާ ޒޯނެއްގައި މި ތަމްރީން ޕްރޮގްރާމް ނިމުނީ އެވެ. ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 261 ލީޑަރުން މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން މިހާރު ވަނީ ތަމްރީންވެފަ އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި އެކި އުމުރު ފުރައިގެ މީހުންނަށް ފިޓްނަސް ޕްރޮގްރާމްތަށް ކުރިއަށް ގެންދާއިރު ތަފާތު ހަރަކާތްތައް ގެންދާނެ އެންމެ ރަނގަޅު ގޮތްތައް އަންގައިދިނުމެވެ. އަދި މުޖުތަމަޢު ތަމްރީން ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެރަށަކަށް އެންމެ އެކަށޭނެ ޕްރޮގްރާމަކީ ކޮބައިތޯއާއި އިވެންޓުތައް މެނޭޖް ކުރާނެ ގޮތްތައް އަންގައިދީ މަޤްބޫލު އިވެންޓެއްގެ ގޮތުގައި ގެންދާނެ ގޮތްތައް ދަސްކޮށްދިނުމެވެ.