މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް
ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ގުޅިގެން 200 އަށް ވުރެ ގިނަ ޒުވާނުން އެކި ދާއިރާތަކުން ތަމްރީން ކުރުމަށް އެޕްރެންޓިސްޝިޕް
ޕްރޮގްރާމެއް ފަށައިފިއެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ގޮތުން ވެލާނާ
އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ ހުޅުލެ އައިލެންޑް ހޮޓަލުގައި ވަނީ
ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ އާއި
އެމްއޭސީއެލުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެގޮތުން ޔޫތު މިނިސްޓްރީގެ
ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލްއެވެ.
އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ.
ޔޫތު މިނިސްޓްރީ އާއި އެމްއޭސީއެލް
ގުޅިގެން ކުރިޔަށްގެންދާ މި އެޕްރެންޓިސްޝިޕް
ޕްރޮގްރާމްގެ ދަށުން 225 މީހަކަށް އެ ކުންފުނިން ތަމްރީނު ދޭނެއެވެ. ފުރަތަމަ ބުރުގައި
ތަފާތު 20 ދާއިރާއަކުން 75 މީހަކަށް ތަމްރީނާއި ތަޖުރިބާ ހޯދަައި ދޭނެއެވެ. ހަ މަސް
ދުވަހުގެ އެ ތަމްރީނު ޕްރޮގްރާމްގައި އެމްއޭސީއެލްގެ 50 މުވައްޒަފަކާއި އެޕްރެންޓިސްޝިޕް
ޕްރޮގްރާމަށް އެޕްލައި ކުރި މީހުންގެ ތެރެއިން ހޮވޭ 25 ޒުވާނުން ބައިވެރިވާނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިދިޔަ
އަހަރުވެސް 14 ކުންފުންޏެއް ބައިވެރިވެފައިވެއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ސަރުކާރުގެ
ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާވެފައިވާ ޒުވާނުންނާއި،
އަދި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒްކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ،
ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި، އަދި ޒުވާނުންނަކީ ޤައުމުގެ އިޤްތިސާދީ ތަރައްޤީއާއި
އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.