ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ވީއޭއެމް ކަޕް 2025ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މިރޭ ކުޅުނު ވީއޭއެމް ކަޕްގެ އަންހެން ބައިގެ ފައިނަލުގައި ވާދަކުރީ ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބެވެ. މި މެޗު ފެށުމުގެ ކުރިން ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ވަޒީރު ރާފިޢުގެ އިތުރުން ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގް އިބްރާހިމް އާއި ކުޅިވަރު ވުޒާރާގެ ގިނަ އިސްވެރިންތަކެއްވެސް ފައިނަލް މެޗު ބައްލަވާލެއްވުމަށް ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެމްކޯގެ އިސްވެރިންނާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން އާއި ފަރެސްމާތޮޑާގެ މެންބަރު އަޝްރަފް ރަޝީދުވެސް މެޗު ބައްލަވާލައްވައި މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކުލަބު ވެމްކޯއެވެ. މިއީ ވެމްކޯއިން މި މުބާރާތުގެ ތަށި ހޯދި ފަސްވަނަ ފަހަރެވެ.
މުބާރާތުގެ ދެވަނަ ހޯދި ޕޮލިސް ކުލަބުގެ ކުޅުންތެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގް އިބްރާހިމްއެވެ.
ޗެމްޕިއަންކަން ހޯދި ވެމްކޯއަށް މެޑަލް އަދި ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.