ވަޒީރު ރާފިޢު، ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފި

14 މޭ 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2025ގެ ފައިނަލް މެޗާއި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2025ގެ ފައިނަލް މެޗުގައި ވާދަކުރީ ޕާކް ސްޕޯޓްސް ކުލަބާއި ޕާކް ބޯއީސްއެވެ. ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވިއިރު، ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުންކަމަށްވާ އިބްރާހިމް ނިޔާޒް އާއި ހުސައިން ނިހާދުވެސް ފައިނަލް މެޗާއި، އިނާމްދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
3-0 އިން ޕާކް ބޯއީސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކް ސްޕޯޓްސް ކުލަބަށް އިނާމް ހަވާލްކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަނާން ރަޝާދަށްވެސް އިނާމް ހަވާލްކޮށްދެއްވީ ވަޒީރު ރާފިޢު އެވެ.
މުބާރާތުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕޯޓްސް ކްލަބް ބަފާނާގެ މުހައްމަދު ރިފާއު ހަސަންއެވެ. ފެއާޕްލޭ ކުޅުންތެރިޔަކީ ކްލަބް ގަލަކްޓިކޯސްގެ އަހުމަދު ރާހިލް ރަޝީދުއެވެ. ފެއާޕްލޭ ޓީމަކަށް ޕީކޭ އެކަޑެމީ ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ޕީކޭ އެކަޑެމީގެ ކޯޗް އަހުމަދު ވިސާލްއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޕާކް ބޯއީސްގެ އިބްރާހިމް ޝައުފު މުހައްމަދު، ޕާކް ސްޕޯޓްސް ކުލަބުގެ ޝަނާން ރަޝާދު، ފައްޔާޒް ފަޔާޒް، މުޙައްމަދު ޝާއިންގެ އިތުރުން ޓީއެފްޓީގެ އަހުމަދު އަފްލާޒްއެވެ.