ވަޒީރު ރާފިޢު، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ޤައުމީ ޓީމާ ބައްދަލުކުރައްވާ އެ ޓީމަށް ހިތްވަރުދެއްވައިފި

05 މޭ 2025

މިމަހުގެ 9 އިން 18އަށް އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި އޮންނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރަައްވައި އެޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ހިތްވަރުދެއްވައިފިއެވެ.
ޒުވާން ޤައުމީ ޓީމުން 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް މިއަދު ފުރާނެއެވެ. ޓީމްގެ އެންމެ ފަހު ޕްރެކްޓިސްގެ ކުރިން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވާ ވަޒީރުވަނީ ހިތްވަރު ދެއްވާފައެވެ.
ވަޒީރު ރާފިޢު ދެއްކެވި ވާހަކަފުޅުގައި ޓީމެއްގެ ގޮތުގައި ރަނގަޅު ޑިސިޕްލިންއާއެކު މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ވަގުތަށް ފަރުވާތެރިވުމާއި، ކޯޗުންގެ އިރުޝާދާ އެއްގޮތަށް ހުރިހާ ކަމެއް ބައްޓަންކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރެއްވުމަށް ހިތްވަރުދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ މެޗެއްގައިވެސް ކޯޗުންގެ އިރުޝާދާ އެއްގޮތަށް ހެދޭ ގޯސްތައް ރަނގަޅުކޮށްގެން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށާއި، މެންޓަލީ އަދި ފިޒިކަލީވެސް މެޗުތަކާއި ޕްރެކްޓިސްތަކަށް ތައްޔާރުވުމަށެވެ.