ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު، މަސައްކަތްތައް ރަށްރަށުގައި އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރަށްރަށުގައި ތިއްބަވާ މި ވުޒާރާގެ މުވައްޒަފުންނާއެކު މަޝްވަރާކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި 129 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅުތެރޭގައި ތިއްބަވާ މުވައްޒަފުންނާއި އޮންލައިންކޮށް ބައްދަލުކުރައްވައި، ވަޒީރު ވަނީ މިނިސްޓްރީގެ މަސައްކަތްތައް ރަށްރަށުގައި އިތުރަށް ފުޅާކުރުމާއި، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ރަށްރަށުގައި ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރު ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ބައިވެރިންވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ.
ކުޅިވަރު ވުޒާރާއިން އަންނަނީ ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހަށިހެޔޮ ރާއްޖެ މި ނަމުގައި ހާއްސަ ޕްރޮގްރާމުތަކެއްވެސް ހިންގަމުންނެވެ.
ހަށިހެޔޮރާއްޖެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު ވަނީ މުޅިރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް، ހަ ޒޯނަކަށް ރަށްތައް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ. އަދި އެކި ކުޅިވަރުތަކަށް ހާއްސަ ކޯޗުންނާއި އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މި ވުޒާރާ އިން އަންނީ ހިންގަމުންނެވެ.