ވަޒީރު ރާފިޢު، މ. މުލަކު ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވައިފި އައު

16 އޭޕްރީލު 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާއިޢު، މުލަކު އަތޮޅު މުލަކުގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މުލަކު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒް އަދި މުލަކު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމަށް ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅުނުއިރު، މި މެޗުގައި ކުޅެފައިވަނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި މުލަކުގެ ޓީމެކެވެ.
އަމީން ކޮސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ދަނޑު ތަރައްޤީކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތްކުރިން ކޮށްފައިހުރި ނަމަވެސް، އޭގެ ފަހުން ޓާފް އެޅުން ލަސްވެ ދަނޑުގައި ވިނަ ހެދި ސަބްބޭސް ރަނގަޅު ކުރަންވެސް ޖެހުނެވެ. ސަބްބޭސް ރަނގަޅުކޮށް ކާނުތަކަށް ބޭނުންވާ މަރާމާތުތައް ގެނެސް ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގައެވެ.
ދަނޑުގެ ސަބްބޭސް ރަނގަޅުކުރުމަށް ދެ ލައްކަ ފަސްދޮޅަސް ހަތް ހާސް ރުފިޔާ ހޭދަވިއެވެ. ދަނޑުގައި ޓާފް އެޅުމަށް 4.9 މިލިއަން ރުފިޔާ ހޭދަވިއެވެ. ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިއިރު، އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތްވަނީ ނިންމާފައެވެ.
މުލަކު އަތޮޅަކީ ފުޓްބޯޅައިގެ ފޯރި އޮންނަ މޮޅެތި ކުޅުންތެރިންތަކެއް އުފެދިފައިވާ އަތޮޅެކެވެ. މިގޮތުން ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަކާއި، ޤައުމީ ޓީމަށްވެސް ކުޅެފައިވާ މިޑްފިލްޑަރު ޔަސްފާދު ހަބީބްއަކީ މ. މުލަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.