ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު ލޯންޗްކޮށްދެއްވައިފި އެވެ.
ހެންވޭރު ބޯޅަގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤް އިބްރާހިމްގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ހޭންޑްބޯޅަ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގަންނެވިއެވެ.
ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ މުބާރާތް ކުޅުދުއްފުށި ސިޓީގައި އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 18އިން 22އަށެވެ.
މި މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ "ވިޒިޓާ އިކޮނޮމީ ކޮންސެޕްޓް"ގެ ދަށުން ސްޕޯޓްސް ޓުއަރިޒަމް ޕްރޮމޯޓްކޮށް، ފުރުސަތުތައް ފަހިކުރެވޭނެ މުބާރާތަކަށްވާނެކަމަށް ކުޅިވަރު ވުޒާރާއިން ގަބޫލުކުރައްވައެވެ.
ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ބާއްވަން ކުރިން ނިންމާފައި އޮތީ މިދިޔަ ފެބްރުއަރީ މަހު 18 އިން 23 ޕާކިސްތާންގެ ކަރާޗީގައެވެ. ނަމަވެސް މުބާރާތް ނުބޭއްވި، އާ ޤައުމަކަށް މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުން ދޭން ނިންމިއެވެ.
ދިވެހިރާއްޖެއަށް މި ފުރުސަތު ލިބުނީ އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝަފީގު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގައެވެ. ހޭންޑްބޯޅަ އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ގުޅިގެން ކުރި މަސައްކަތުން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިޔައީ އެވެ.