ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ފިރިހެން ވޮލީބޯޅަ މުބާރާތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
ކާވާ ޗެމްޕިއަންސް ލީގުގެ ފިރިހެން ޑިވިޝަނުގައި ހަތަރު ގައުމަކުން ފަސް ޓީމްތަކުން ވާދަކުރެ އެވެ. އެއީ ދިވެހިރާއްޖެ، ސްރީލަންކާ، ކިރިގިސްތާންގެ އިތުރުން ނޭޕާލް އެވެ. ރާއްޖޭން ވާދަކުރާ ދެ ޓީމަކީ ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް އެޗްޑީސީ އެވެ.
މި މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ސިފައިންނާ އެޗްޑީސީ އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ފިރިހެން ވޮލީބޯޅަ ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމަށްވުމުންނެވެ.
މުބާރާތުގެ ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ސެންޓްރަލް އޭޝިއާގެ ވަރުގަދަ ކުލަބުތަކާއިއެކު މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ދިވެހިރާއްޖޭގެ ވޮލީބޯޅައަށް ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް ވިދާޅުވިއެވެ.
މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން އޮތް ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ ދައްކާލުންވެސް އޮތެވެ.