ރ. މީދޫގައި ކުރިއަށްގެންދިޔަ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025"ގެ ފައިނަލް މެޗު ބައްލަވާ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
5 އޮގަސްޓް 2025 އިން 29 އޮގަސްޓް 2025 ގެ ނިޔަލަށް، ރ.މީދޫގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025 ގެ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީއިންގ އާއި ކުޑަފުށި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-0 ގެ ނަތީޖާއަކުން މޮޅުވެ ޖޯލި މޯލްޑިވްސް އިން މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވަނީ ކާމިޔާބުކޮށްފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ސެޓުތައް ޖޯލި ބީއިންގ ކާމިޔާބުކުރީ 22-25، 21-25 އަދި 23-25 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ޑްރީމްޓީމު ހިމެނުނު ކުޅުންތެރިންނަކީ ބެސްޓް އައުޓްސައިޑް ހިޓާ ޝެހާން (ޖޯލި ބީއިންގ)، ބެސްޓް އައުޓްސައިޑް ހިޓާ ގަޔާން (ކުޑަފުށި)، ބެސްޓް މިޑްލް ބްލޮކަރ ލަހިރު (ޖޯލި ބީއިންގ)، ބެސްޓް މިޑްލް ބްލޮކަރ އަސްލަމް (ޖޯލި ބީއިންގ)، ބެސްޓް ސެޓަރ މަހޭޝް (ޖޯލި ބީއިންގ) އަދި ބެސްޓް އޮޕޮޒިޓް ޕްލޭޔަރ އަކީ ދިމިތު (ކުޑަފުށި) އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ކޯރާ ކޯރާ މޯލްޑިވްސްގެ ހާއްޕެ އެވެ. ބެސްޓް ސަޕޯޓާސް ޓީމުގެ އިތުރުން ފެއާރ ޕްލޭ ޓީމަކަށް ވެސް ހޮވުނީ ކުޑަފުއްޓެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އާށުގެ އަސްފާން އެވެ. އެންމެ މޮޅު ކޯޗަކީ ޖޯލި ބީއިންގެ ކޯޗު ޝަރަފް އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީއިންގެ ޝެހާން އެވެ.