ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ހދ. މަކުނުދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރުގެ ވަޒީރު ރާފިޢުގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒް އާއި މަކުނުދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަކުނުދޫއަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އެ ރަށުގައި ގާއިމްކުރުމަށް ނިންމާފައިވާ ކުޅިވަރު މަޝްރޫޢުތަކުގެ ތަފްސީލްތައްވެސް ކައުންސިލާވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން އެ ރަށުގެ ހޭންޑްބޯޅަ ކޯޓާއި، އައުޓްޑޯ ޖިމްގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އެ ރަށުން ފާހަގަކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުންކުރައްވަމުން އަންނަ މަސައްކަތްތަކާއި، މި މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މަކުނުދޫ ކައުންސިލުން މިވަގުތު އެ ރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭ މައުލޫމާތު ވަޒީރު ރާފިޢުއާ ހިއްސާކުރައްވާފައެވެ.