ވަޒީރު ރާފިޢު، ގއ. ވިލިނގިލީގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

14 މޭ 2025

ގއ. ވިލިނގިލީ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފި އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް ބައްދަލުކުރެއްވުމުގައި ވިލިނގިލި ކައުންސިލްގެ ރައީސް އާއި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އައްބާސް ވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ވިލިނގިލި ކައުންސިލުން ވަނީ އެރަށުގެ ކުޅިވަރުގެ ހާލަތު ވަޒީރާ ހިއްސާކުރައްވާފަ އެވެ. މިގޮތުން އެ ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކަށް ބޭނުންވާ މަރާމާތުތަކާ ގުޅޭކަންކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެ ރަށުގެ ކުޅިވަރު ކަންކަމަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ވަޒީރު ރާފިޢު ވަނީ ވިލިނގިލީގެ ކުޅިވަރު ހާލަތު ރަނގަޅު ކުރުމާއި، ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގައި ގާއިމްކުރަން ހަމަޖެހިފައިވާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.