ވަޒީރު ރާފިޢު، ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި އައު

14 ޖުލައި 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވާދަކުރީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީ އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ތަށި އުފުލާލީ ސިފައިންގެ ކުލަބުންނެވެ. މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-21، 25-14 އަދި 26-24 އިންނެވެ.
ރޭ ހޯދި ޤައުމީ މުބާރާތުގެ ތައްޓާއިއެކު ސިފައިން ކުލަބުން ސީޒަންގެ ހުރިހާ ތައްޓެއް ހޯދުމުގެ ރެކޯޑު ދެވަނަ ފަހަރަށް ހެދިއިރު، ޤައުމީ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައި، މުބާރާތް ވަނީ މިލްކުކޮށްފައެވެ.
ޤައުމީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ސިފައިންގެ ޓީމުގެ ހުސައިން ރަޒާން އާއި ހުސެއިން ޝާހިދު އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދު އެވެ. އެންމެ މޮޅު ކޯޗަކީ، ސިފައިންގެ ޓީމުގެ ޖުނައިދު އަބްދުﷲ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަަަކަށް ހޮވިފައިވަނީ، މި މުބާރާތަށް ސިފައިންގެ ޓީމުން ގެނައި އިންޑިއާގެ ޗިރާގު ޔާދަވް އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ލިބުނީ އެޗްޑީސީގެ ޖިރާލްޑޯ އާއި ސިފައިންގެ ލުއިޒް އަށެވެ.