ވަޒީރު ރާފިޢު، ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ބައްލަވާލައްވާ، މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ޕޮލިސް ކުލަބާއި ކުލަބު ވެމްކޯ އެވެ. މި މެޗުގެ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
ފޯރިގަދަ ފައިނަލުގައި ޕޮލިސް ކުލަބު 3-2 ސެޓުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކުލަބު ވެމްކޯއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ.
މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ، ވެމްކޯގެ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ އިތުރުން ޕޮލިހުގެ އައިިމިނަތު އަރީޝާ އެވެ. އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަކީ، ޕޮލިހުގެ ގްރަޒިއެލް، ވެމްކޯގެ ޕަޓިޔާ އަދި ހުރާ ކޮމިއުނިޓީ ކްލަބްގެ ވެރޯނިކާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާގެ އަައިޝަތު ނަސްމާ އަހުމަދު އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.
ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެއްވީ ޝަރަފްވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މުބާރާތުގެ ދެވަނަ ހޯދި ޕޮލިސް ކުލަބަށް މެޑަލް ހަވާލްކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި ތިންވަނަ ހޯދީ ހުރާ ކޮމިއުނިޓީ ކުލަބަށް މެޑަލް ހަވާލްކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤް އިބްރާހިމްއެވެ.