އއ. ތޮއްޑޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި، ރޭގަނޑު ބޭނުން ކުރެވޭ ގޮތަށް ފުޓްބޯޅަ ދަނޑު ލައިޓް ހަރުކޮށްދިނުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތޮއްޑޫގައި ކުޅިވަރު ތިން މަޝްރޫއެއް އެކުއެކީގައި ކުރިޔަށްދާނެ ކަމުގެ ޔަގީންކަށް އެރަށުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށެއްގައިވެސް ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފުރިހަމަކުރުމަށެ. މިގޮތުން ގިނަ ރަށްތަކެއްގައި ހޭންޑްބޯޅަ ކޯޓު އެޅުމަށް މިހާރުވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާވަނީ ހަވާލުކުރައްވާފައެވެ.
ތޮއްޑޫގައި އަޅާ ހޭންޑްބޯޅަ ކޯޓުގެ އިތުރުން ފުޓްބޯޅަ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅުމަށްޓަކައި ލައިޓް ޖެހުން، އަލިކުރުން އެއީ އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމަ އެކަމާއި އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން މަރުކަޒެއް ޤާއިމްކުރުމާއި އައުޓްޑޯ ޖިމްއެއް ގާއިމުކުރުން އެކު އެކީގައި މިރަށުގައި ކުރިޔަށްދާނެ. އެ ޔަގީންކަން ތިބޭފުޅުންނަަށް އަރުވަން" ރައީސް ވިދާޅުވިއެވެ.