ތިމަރަފުށި ދާއިރާއަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން ވަޒީރު މަޝްވަރާ ކުރައްވައިފި

03 ސެޕްޓެމްބަރު 2024

ތިމަރަފުށި ދާއިރާ އަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފި އެވެ.
ކުޅިވަރާއިބެހޭ ވުޒާރާގައި މިއަދު އޮތް ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ތިމަރަފުށި ދާއިރާގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން އެ ދާއިރާގެ މެންބަރު އަޙުމަދު ރިޔާޟްއާ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނީ އެ ދާއިރާގެ ކުޅިވަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭނެކަންކަމާ ގުޅޭގޮތުންނެވެ. މި ގޮތުން އެ ދާއިރާގައި ހިމެނޭ ދެ ރަށް ކަމަށްވާ ވޭމަންޑޫ އާއި ތިމަރަފުށީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން މެންބަރު އަޙުމަދު ރިޔާޟް ވަނީ ވަޒީރާ ހިއްސާކުރައްވާފަ އެވެ.
ވަޒީރު ރާފިޢު ވަނީ އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވުމަށް ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ މިވަގުތު އެ ދާއިރާގައި ކުރިއަށްދާ މަޝްރޫޢުތަކާއި، ކުރިއަށް ރޭވިފައިހުރި ކަންކަންވެސް މެންބަރު އަޙުމަދު ރިޔާޟްއާ ހިއްސާކުރައްވާފަ އެވެ.