ތިލަދުންމަތީ ސްކޫލްތަކުގެ ފެތުމުގެ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު، ވަޒީރު ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި

31 އޯގަސްޓު 2024

ތިލަދުންމަތީގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ދެވަނަ ތިލަދުންމަތި ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި ފޯރިގަދަ މުބާރާތުގައި 20 ސްކޫލަކުން 420 އަށްވުރެ ގިނަ ކުދިން ވާދަކުރި އެވެ.
މިމަހުގެ 26 އިން 31 އަށް ކުރިއަށްދިޔަ މި މުބާރާތް ޝަރަފްވެރިކޮށްދެއްވައި އެއްވަނަ ހޯދި ފެތުންތެރިންނަށް އިނާމް ހަވާލްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރުގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ތިލަދުންމަތި ސްކޫލް ކުދިންގެ މުބާރާތް ބާއްވާފައިވަނީ، އެ ސަރަހައްދުގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ނަމަވެސް ސްކޫލު ކުދިންގެ ފެތުމުގެ މުބާރާތް ނުބާއްވާ ޒޯންތަކުގެ ސްކޫލްތަކުން ބޭނުންނަމަ ބައިވެރިވެވޭ ގޮތަށެވެ.