ތިލަދުންމަތީ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު، ބައިވެރިވެވަޑައިގަންނަވައިފި އައު

28 މޭ 2025

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ތިލަދުންމަތީ ސްކޫލުތަކުގެ 3 ވަނަ ފެތުމުގެ މުބާރާތުގެ އިނާމްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިރުރުން ކުޅިވަރު ވުޒާރާ އާއި ތަޢުލީމީ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ އެންމެ ފަޚުރުވެރި ވަނަތައް ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. މި މުބާރާތުގައި އެމަރުކަޒުގެ ދަރިވަރުން ވަނީ ޖޫނިއަރ އަދި ސީނިއަރ ބައިން 1 ވަނަ ހޯދައި ވިދިވިދިގެން 3 އަހަރު މި މަގާމު ޝަރަފު ހޯދާފައެވެ.
14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ތިލަދުންމަތީ ދެދެކުނުބުރި އާއި މިލަދުންމަޑުލު އުތުރުބުރީގެ ސްކޫލުތަކަށް އަމާޒުކޮށްގެން މިމުބާރާތް ބާއްވައިފައިވަނީ މެއިމަހުގެ 24 ން 28 ށް ކުޅުދުއްފުށި ސިޓީގައެވެ. މި މުބާރާތުގައި ޖުމްލަ 16 ސްކޫލަކުން 308 ދަރިވަރުން 1280 އިވެންޓުގައި ވާދަކުރިއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ޖޫނިއަރ ގުރޫޕް އޭ ކެޓަގަރީން ފިރިހެން އަދި އަންހެން 1 ވަނަ ސްކޫލުގެ މަގާމު ހޯދައި، ޖޫނިއަރ ގުރޫޕުގެ ބީ ގެ ކެޓަގަރީން ފިރިހެން 1 ވަނަ ސްކޫލާއި ސީނިއަރ ގުރޫޕުގެ އޭ ކެޓަގަރީން ފިރިހެން 1 ވަނަ ސްކޫލު މަޤާމު ހޯދާފައެވެ. މިއާއެކު އެސްކޫލުގެ ދަރިވަރުންވެސް ވަނީ މުބާރާތުގެ އެކި ކެޓަގަރީތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ފެތުންތެރިންގެ މަގާމު ހޯދާފައެވެ.
މި ރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އާއި، ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު އަދި ދެކުނު ދާއިރާގެ މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތިލަދުންމަތީ ސްކޫލުތަކުގެ 3 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ އޭ ކެޓަގަރީގެ ފިރިހެން 1 ވަނަ ފެތުންތެރިޔާގެ މަގާމު ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަޙްމަދު އަލްޔާން ބިން ޢަބްދުﷲ އެވެ. މިކެޓަގަރީގެ އަންހެން 1 ވަނަ ހޯދި ފެތުންތެރިޔަކީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާޠިމަތު ސުމޫހާ މުނައްވަރެވެ.
ޖޫނިއަރ ބީ ކެޓަގަރީން ފިރިހެން 1 ވަނަ ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު މިހުދާދު ޢަބްދުލް މައްނާނު އެވެ. މިގުރޫޕުގެ އަންހެން 1 ވަނަ ފެތުންތެރިއަކީ ށ. އަތޮޅު މަދަރުސާގެ ދަރިވަރު މަރިޔަމް މީރާ އަޒުމީރުއެވެ. މުބާރާތުގެ ސީނިއަރ ގެޓަގަރީގައި ވާދަކުރި ފެތުންތެރިންގެ ތެރެއިން ފިރިހެން 1 ވަނަ ފެތުންތެރިއަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢަލީ ސާއީ ސަޢުދުﷲ އެވެ.
މުބާރާތުގެ ޖޫނިއަރ 2 ވަނަ ސްކޫލަކަށް ހޮވުނީ ޢަފީފުއްދީން ސްކޫލެވެ. 3 ވަނައަށް ދިޔައީ ނައިވައިދޫ ސްކޫލު އަދި ށ. އަތޮޅު މަދަރުސާއެވެ. މުބާރާތުގެ ސީނިއަރ 2 ވަނަ ސްކޫލަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލެވެ. 3 ވަނަ އަށް ހޮވުނީ ހަނިމާދޫ ސްކޫލެވެ.
ސްކޫލުތަކުގެ ވަކި ވަކި ކެޓަގަރީތަކުގެ ވަނަތަކަށް ބަލާއިރު ޖޫނިއަރ ގުރޫޕުގެ އޭ ކެޓަގަރީން ފިރިހެން 2 ވަނަ ސްކޫލުގެ މަގާމު ހޯދީ ނައިވައިދޫ ސްކޫލެވެ. 3 ވަނަ މަގާމު ހޯދީ ޅައިމަގު ސްކޫލެވެ. ޖޫނިއަރ އޭ ބައިގެ އަންހެން ކެޓަގަރީން 2 ވަނަ ހޯދީ ޢަފީފުއްދީން ސްކޫލެވެ. 3 ވަނަ ހޯދީ މަކުނުދޫ ސްކޫލެވެ. ޖޫނިއަރ ބީ ކެޓަގަރީން ފިރިހެން 2 ވަނަ ހޯދީ ނައިވައިދޫ ސްކޫލެވެ. 3 ވަނަ ހޯދީ ހަނިމާދޫ ސްކޫލެވެ. ޖޫނިއަރ ބީ ކެޓަގަރީން އަންހެން 2 ވަނަ ހޯދީ ޢަފީފުއްދީން ސްކޫލެވެ. 3 ވަނަ ހޯދީ ށ. ފުނަދޫ ސްކޫލެވެ. ސީނިއަރ ކެޓަގަރީ ފިރިހެން 2 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލެވެ. 3 ވަނަ ހޯދީ ހަނިމާދޫ ސްކޫލެވެ.