ތ. އޮމަދޫ އެފްއާރުސީ ހިޔާކޮށް، ތަޅުން ލެވެލްކުރުމުގެ މަސައްކަތް ފަށައިފި

16 އޭޕްރީލު 2025

ކޮޅުމަޑުލު އޮމަދޫގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ ހިޔާކުރުމުގެ މަސައްކަތް ނިންމައި، ތަޅުން ލެވެލްކުރުމަށް ބޭނުންވާ ވެލިއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ޤާއިމްކޮށްދެއްވުމެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ތ. އަތޮޅު ކަނޑޫދޫ، ވޭމަންޑޫ، އޮމަދޫ އަދި ވިލުފުށީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ.
އޮމަދޫގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހިޔާކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ތަޅުން ލެވެލްކުރުމަށް ބޭނުންވާ ވެލި އެޅުމުގެ މަސައްކަތްވެސްދަނީ ކުރިއަށެވެ.
ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ތ އަތޮޅުގެ ހަތަރު ރަށުގައި މިވަގުތު ޤާއިމްކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް މިއަހަރު ނިމުމުގެ ކުރިން ނިންމާލުމެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން (އެފްއާރުސީ)ގެ މަސައްކަތުގެ ތެރެއިން މުޅިން އަލަށް 28 ރަށެއްގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މިގޮތުން 10 ރަށެއްގެ އެފްއާރުސީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ހަތް ރަށެއްގެ އެފްއާރުސީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ. މީގެ އިތުރުން 11 ރަށެއްގެ މަސައްކަތް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.