ސްރީލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް ސުނިލް ކުމާރަ ގަމަގެއާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުވުމަކީ ސްރީލަންކާގެ ކުޅިވަރު ވަޒީރު އާއި ދިވެހިރާއްޖޭގެ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ޒިންމާ ވަގުތީގޮތުން އަދާކުރައްވަމުން އަންނަ ތިމުތޫ ސަންޖިކާ ޑިސަނަޔަކެވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކުޅިވަރުގެ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ސްރީލަންކާގެ ކުޅިވަރު ވަޒީރު ސުނިލް ކުމާރަ ވަނީ ޒަމާނުއްސުރެ ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމާއި، އެ ގުޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުޅިވަރަށް އައި ބަދަލު ފާހަގަކުރައްވާފައެވެ. އަދި ސްރީލަންކާއިން އަބްދުވެސް ކުޅިވަރުގެ ދާއިރާއިން އެހީތެރިވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ވަޒީރު ރާފިޢު ވަނީ ސްރީލަންކާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށްވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފައެވެ. ސަރުކާރުން ގެންގުޅުއްވާ ކުޅިވަރުގެ ސިޔާސަތުތައް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.