ސްޕޯޓްސް މީޑިއާ އެންޑް މާކެޓިންގ ކޯހެއް ފަށައިފި

01 ޖުލައި 2024

މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން (ސެޓްފިކެޓް 1) ސްޕޯޓްސް މީޑިއާ އެންޑް މާކެޓިންގ ކޯހެއް ފަށައިފި އެވެ.
18 ބައިވެރިންނާއިއެކު ކުރިއަށްދާ މި ކޯސް ޖޫން 30 އިން ފެށިގެން 3 ހަފްތާއަށް ކުރިއަށްދާނެ އެވެ. ކޯހުގައި ކިޔަވައިދެއްވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރެއްކަމަށްވާ ކެންޔާގެ ނަޝޯން އޮވަނޯ އެވެ. 
މި ކޯސް ރަސްމީކޮށް ފެށުމުގެ ގޮތުން ހ.ބޯޅަގޭގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. މިނިސްޓަރ އަސްވާޑުގެ އިތުރުން މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތަލާލް އާއި ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިކޯހުގެ މަޤްސަދަކީ ރާއްޖޭގައި ސްޕޯޓްސް މީޑިއާ އެންޑް މާކެޓިންގގެ ދާއިރާއިން މީހުން އުފައްދައި ތަމްރީން ކުރުމެވެ. 
މިކޯހުގައި މީޑިއާ މެދުވެރިކޮށް ކުޅިވަރު ޕްރޮމޯޓުކުރާނެ ގޮތްތަކުގެ ހުނަރުތައް ދަސްކޮށްދެވޭނެ އެވެ. އެގޮތުން ކުޅިވަރާއި ގުޅޭ ދާއިރާގެ ރިޕޯޓް ލިޔުމުގެ ހުނަރު ތަރައްޤީކުރުމާއި، ކެމެރާ ގެންގުޅޭނެ ގޮތްތަކާއި، ވީޑިއޯ ކުރާނެ ގޮތާއި، ފޮޓޯ ނެގުން އަދި އެޑިޓް ކުރާނެ ގޮތް ދަސްކޮށްދިނުން ފަދަ ބައިތަކަށް ބައިވެރިން ތަމްރީންކުރެވޭނެ އެވެ.