ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ އެކޯނޯ ކޯޗިން ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ރާއްޖޭގެ ދެ ކޯޗުންކަމަށްވާ ސޮބާހު މުޙައްމަދު އާއި ރިލްވާން ވަހީދުއާ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.
ކޯޗު ސޮބާހު އާއި ރިލްވާން ވަނީ އޭޕްރީލް މަހުގެ 29 އިން މެއި މަހުގެ ތިންވަނަ ދުވަހަށް ކުރިއަށްދިޔަ އެކޯނޯ ކޯޗިން ޑިވެލޮޕްމަންޓް ޓުއާ 2025ގައި ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށްދިޔައީ ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ސްޕެއިންގެ ބާސެލޯނާގައެވެ.
ކުޅިވަރު ވުޒާރާގައި ސޮބާހު އަދި ރިލްވާންއާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ދެ ކޯޗުންވެސް ފުރިހަމަކުރި ތަމްރީން ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ފައިދާތަކެއް ކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މި ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމަކުރެއްވުމުން އެކަމަށް މަރުޙަބާ ދެންނެވިއެވެ.
އެކޯނޯ ކޯޗިން ތަމްރީން ޕްރޮގްރާމަކީ ޒުވާން ފުޓްބޯޅަ ކުޅުންތެރިން ބިނާކުރުމުގެ އެކި އެކި ކަންކަމާ ގުޅޭގޮތުން ކޯޗުން ތަމްރީންކުރާ ޕްރޮގްރާމެކެވެ. މިގޮތުން ޓްރެއިނިންތައް ބައްޓަންކުރާނެ ގޮތާއި، ޕްލޭން ކުރާނެ ގޮތާއި، ޓްރެއިނިންތައް ބަހާލާނެ ގޮތުގެ އިތުރުން، މެޗުތަކުގެ އެނަލިސިސް ހެދުމާ ގުޅޭ މައުލޫމާތުވެސް ބައިވެރިންނާވަނީ ހިއްސާކޮށްފައެވެ.