ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ދިވެހިރާއްޖޭގެ ޓީމުތަކަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.
ރާއްޖޭގެ ޔޫތު ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކުރުން އޮތީ، މާލޭ ޓޭބަލް ޓެނިސް ހޯލުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިމަހުގެ 24އިން 27އިންއަށް ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ 15 އަހަރުން ދަށުގެ ޓީމަކާއި 19 އަހަރުންދަށުގެ ޓީމެކެވެ. މި ދެ ޓީމަށްވެސް އިރުޝާދު ދޭނީ އީރާނުގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދިން ގޮތުގައި ޓީމްގެ އަމާޒަކީ މެޑަލްއެއް ހޯދުމެވެ. މިކަމަށް އެކަށީގެންވާ ވަރަށް ޓީމް ތައްޔާރުވެފައިވާކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.