ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ރާއްޖޭގެ ޖޫނިއާ ޓީޓީ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންނާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި ކުޅިވަރު ވުޒާރާގެ އިސްވެރިންނެވެ.
ނޭޕާލުގެ ކަތުމަންޑޫގައި މި މަހުގެ 24 އިން 27 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ތިން މެޑަލް ހޯދިއެވެ. އެއީ އެއް ރިހި މެޑައްޔާއި ދެ ލޯ މެޑަލްއެވެ.
ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި އިން ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުއެވެ.
މީގެ އިތުރުން 15 އަހަރުން ދަށުގެ ކެޓަގަރީގެ ޓީމް އިވެންޓުގައި ވާދަކޮށް އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. މި ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އައިޝަތު އަލްސާ ނާފިޒު ވަނީ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ. އަލްސާއާއިއެކު މިކްސް ޑަބަލްސް ހޯދި ކުޅުންތެރިޔަކީ މުޙައްމަދު ހަލަފް ރާފިޢުއެވެ.