ސަރަޙައްދީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް: ވަޒީރު ރާފިޢު އައު

22 އޭޕްރީލު 2025

ސަރަހައްދީ ގޭމްސްއެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވަޒީރު ވަނީ ސަރުކާރުން ތައްޔާރުކުރަމުން އަންނަ ކުޅިވަރުގެ ދިގުރާސްތާ ޕްލޭން އާއި މި ޕްލޭންގައި ހިމެނިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. މިގޮތުން ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ ކޮމަންވެލްތު ގޭމްސްއެއް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ ސަރުކާރުން މިވަގުތު ކުރައްވަމުން އަންނަ މަސައްކަތަކީ މި ގޭމްސް ބޭއްވުމަށް ބޭނުންވާ ފަސީލަތްތައް ޤާއިމްކުރުން ކަމަށެވެ. މި ގޮތުން ގޭމްސްގެ އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ތަންތަން ގާއިމްކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ.
މި ގޭމްސްތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި އެތުލީޓުންނަށް ކަަމަށާއި، ބައިނަލްއަޤްވާމީ ގޭމްސްގެ މެޑަލްއަކާ ހަމައަށް ދިޔުމަކީވެސް ސަރުކާރުން އިސްނަގައިގެން ތައްޔާރުކުރައްވަމުން އަންނަ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަމެއްކަމަށެވެ. މިކަން ކާމިޔާބުކުރުމަށް ރާއްޖޭގައި ބާއްވާ އެކި އެކި މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް އެކަށީގެންވާ ތަމްރީން ދިނުމާއި، ރަނގަޅު ފެންވަރުގެ ކޯޗުން ދިވެހިރާއްޖެ ގެނެސް އެ ކުޅުންތެރިން ތަމްރީންކުރުމާއި, ކޯޗުން ތަމްރީންކުރުމަކީވެސް މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް ނުވަތަ އޮލިމްޕިކް ގޭމްސްގެ ޕޯޑިއަމް ފިނިޝްއާ ހިސާބަށް ދިޔުމަކީ ހާސިލްކުރެވޭނެ ވަރުގެ ކާމިޔާބީއެއްކަމަށެވެ.