ސަރާޑޯގެ ޤައުމުތަކުގެ މަންދޫބުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އައު

23 އޭޕްރީލު 2025

ސާކް ސަރަހައްދުގެ އެންޓި-ޑޯޕިން ޖަމިއްޔާ (ސަރާޑޯ)ގެ ޤައުމުތަކުގެ މަންދޫބުންގެ ބައްދަލުވުމުގައި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހިމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިމަހުގެ 21-22 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވީ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤް އިބްރާހިމް އެވެ. މި ބައްދަލުވުމުގައި ސްޓޭޓް ރައްޒާގްގެ އިތުރުން ސާކްގެ އެކި ގައުމުތަކުގެ މަންދޫބުންނާއި، ދުނިޔޭގެ އެންޓި-ޑޯޕިން ޖަމިއްޔާ(ވާޑާ)ގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ހުރިހާ މަންދޫބުންވެސް ވަނީ ހުރިހާ ގައުމުތަކުން ގުޅިގެން ކުޅިވަރުގެ ރީތި އަހުލާގު ދައްކައި، ޑޯޕިންއާ ދެކޮޅަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ސްޓޭޓް މިނިސްޓަރ ރައްޒާގްވަނީ ދިވެހިރާއްޖޭގެ އެންޓި-ޑޯޕިން ޖަމިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތަކާއި، ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު މި ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.