"ސައި ލެގޫންގެ ޕަޑެލް ޓެނިސް ކޯޓަކީ ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލަން ލިބޭ ފަހި ފުރުސަތެއް"

11 މާރިޗު 2025

ސައި ލެގޫންގައި މޯލްޑިވްސްގައި ހުޅުވުނު ޕެޑަލް ޓެނިސް ކޯޓަކީ ޕެޑަލް ޓެނިސް ކުޅެމުން ދިވެހިރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލަން ލިބޭ ފަހި ފުރުސަތެއްގެ ގޮތުގައި ވަޒީރު ރާފިޢު ސިފަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ފަހަރަށް ފަތުރުވެރިންނާއި، ދިވެހިންނަށް ހާއްސަކޮށް ހުޅުވި ޕެޑަލް ޓެނިސް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވަނީ ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަން އިޝްތިހާރުކޮށް، ދިވެހިރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ޕެޑަލް ޓެނިސް ކޯޓު ކަހަލަ ކުޅިވަރު ވަސީލަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ސައި ލެގޫންގައި ހުޅުވި ޓެނިސް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ދެ ލެޖެންޑުންކަމަށްވާ އިޓަލީގެ ކުރީގެ ޑިފެންޑަރު ގިއަންލޫކާ ޒަމްބްރޮއްޓާ އާއި ބްރެޒިލްގެ ކުރީގެ ކީޕަރު ނެލްސަން ޑީޑާގެ ބައިވެރިވުމުން އެކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ދުނިޔޭގެ ކުޅިވަރުގެ ތަރިން ރާއްޖެ އައިސް މިކަހަަލަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ކުޅިވަރާއި ފަތުރުވެރިކަމަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ.
އޭސީ މިލާންގެ ކުރީގެ ދެ ތަރިންގެ އިތުރުން ރާއްޖޭގެ ޓެނިސް ޤައުމީ ޓީމްގެ ޒުވާން ތަރި ނަބާ ނިޝާން އާއި ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އިގްނާޒް މަންސޫރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. އަދި ޓެނިސް ކޯޓު ހުޅުވުމުގެ ގޮތުން ދައްކާލުމުގެ މެޗެއްވެސް ކުޅެފައިވެއެވެ.
ރާއްޖޭގެ އެހެން ރިސޯޓްތަކުގައިވެސް ޕެޑަލް ޓެނިސް ކޯޓުތައް އެބަހުއްޓެވެ. އެ ކޯޓުތަކަކީ ފަތުރުވެރިންނަށް ހާއްސަކުރެވިގެން ތައްޔާރުކޮށްފައިވާ ކޯޓުތަކެވެ.
އެހެންނަމަވެސް ފުރަތަމަ ފަހަރަށް ސައި ލެގޫން އިން ފަތުރުވެރިންނާއި ދިވެހިންނަށް ޙާއްސަކޮށް މިކަހަލަ ކޯޓެއް ހުޅުވުމަކީ މި ކުޅިވަރު ރާއްޖޭގައި ފުޅާކުރުމަށް ކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. ވަޒީރު ރާފިޢު ވިދާޅުވީ ރާއްޖޭގެ ގިނަ ބަޔަކު މި ކުޅިވަރު ދަސްކޮށް، މި ކުޅިވަރުން ކުރިއަށްދިޔުމަށް މިއީ ވަރަށް ފަހި ފުރުސަތެއްކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ގިނަ ބަޔަކު ހިފާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.