"ސާފިން އެރީނާގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ"

13 ޖޫން 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ސާފިން އަދި ބޮޑީބޯޑިން އެރީނާގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެ އެވެ.
ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޮޑު ސްޓޭޑިއަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
ދާދި ފަހުން ލޯންޗްކުރި މޯލްޑިވްސް ޕްރޯ 2024އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޢަބްދުﷲ ރާފިޢު ވިދާޅުވީ މިދިޔަ ދެ އަހަރު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަގްވާމީ މުބާރާތް ބޭއްވިއިރު ދަތިތަކެއް ހުރިކަމަށާއި، އެތަނުގައި ލޯކަލް މުބާރާތްތައް ބާއްވާއިރުވެސް އެކަން ފާހަގަވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ސަރަހައްދުގައި އަޅަން ނިންމާފައިވާ ސާފިން އަދި ބޮޑީބޯޑިން އެރީނާގެ އަމަލީ މަސައްކަތް އޮގަސްޓް މަހުގެ ކުރީކޮޅު އޮންނަ މޯލްޑިވްސް ޕްރޯއަށްފަހު ކުރިއަށްދާނެކަމަށެވެ.
އަދި މި އެރީނާގައި މެޑިކަލް ފެސިލިޓީ އާއި އިކުއިޕްމަންޓް ރިޕެއާ އާއި މެއިންޓެނެންސް ކުރަން ހާއްސަ ފެސިލިޓީ އެއް ގާއިމު ވެގެންދާނެ ކަމަށްވެސް މިނިސްޓަރ ރާފިޢު ވިދާޅުވި އެވެ.