ސާފިން އަދި ބޮޑީބޯޑިން ސްޓޭޑިއަމް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

18 އޭޕްރީލު 2024

 ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބޮޑު ސްޓޭޑިއަމެއް ރާއްޖޭގައި އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ގްރޭޓާ މާލޭ ރީޖަންގައި ގާއިމުކުރާ ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ.
މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. އަދި ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޮއު ވިއުޑޮންގެވެ.  
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ސާފިން އެސިއޭޝަނާއި ބޮޑީބޯޑިން އެސޯސިއޭޝަނުން ބޭނުންވެގެން މަސައްކަތްކުރި ކަމެއް ކަމަށެވެ. އަދި އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވިގެންދާއިރު ހުރި އެކި ދަތިތައް ނައްތާލުން ކަމަށްވެސް ވިދާޅުވިއެވެ.
މި ސްޓޭޑިއަމް ތަރައްގީކުރުމަށް ހަވާލުވި ޗައިނާ ކުންފުނީގެ އެމްޑީ ޒޮއު ވިދާޅުވީ މި ކުޅިވަރަކީ ރާއްޖޭގެ ސަގާފަތާ އާދަކަދާ ދިރުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކުޅިވަރެއް ކަމަށެވެ. އަދި ރާއްޖޭގެ ސާފިންއަކީ ވަރަށް ރޫހު ދިރުވައިދޭ ވާދަވެރި ކުޅިވަރެއް ކަމަށާއި، އެގޮތުން ރާއްޖޭގެ މި ކުޅިވަރު އިތުރަށް ކުރިމަގުގައި ވަރުގަދަވެގެންދާތަން ދެކެން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނަކީ މިހާރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ސްވިމިން ޕޫލުގެ މަސައްކަތާއި، މިހާރު ކުރިއަށްދާ ޓެނިސް ކޮންޕްލެކްސްގެ މަޝްރޫއު ކުރިއަށްގެންދާ ކުންފުންޏެވެ.