ސާފްގެ ރިހި މެޑަލް ހޯދައިގެން އައި ބާސްކެޓްބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް އައު

27 މާރިޗު 2025

ސާބާ ވުމަންސް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ. 
ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ސާބާ މުބާރާތުގެ ރިހި މެޑަލް ހޯދީ އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ 3 ވަނަ ސާބާ ވުމަންސް ޗެމްޕިއަންޝިޕްގައެވެ. ފައިނަލުގައި ދިވެހިރާއްޖެ ބަލިވީ ސަރަހައްދީ ގަދަ ބާރު އިންޑިއާ އަތުންނެވެ. 
ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. ނައިބު ރައީސްގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލްވެސް ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 
ސާބާ އަންހެން ޗެމްޕިއަންޝިޕްގެ ތިން ވަނަ މުބާރާތުން ދިވެހިރާއްޖޭގެ ޓީމް ރިހި މެޑަލް ހޯދިއިރު، މީގެ ކުރިން ބޭއްވި ދެ މުބާރާތުގައިވެސް ރާއްޖެއިން ރަނގަޅު ކާމިޔާބީތަކެއް ހޯދިއެވެ. މިގޮތުން 2016 ވަނަ އަހަރު ނޭޕާލްގައި އޮތް މުބާރާތުން ލޯ މެޑަލް ހޯދިއިރު، 2022 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް މުބާރާތުންވެސް ޤައުމީ އަންހެން ޓީމުން ލޯ މެޑަލް ހޯދިއެވެ. 
ނިއުދިއްލީގައި ކުރިއަށްދިޔަ 3 ވަނަ ސާބާ ވުމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރީ ތިން ގައުމަކުންނެވެ. އެއީ ދިވެހިރާއްޖެ، އިންޑިއާ އަދި ނޭޕާލްއެވެ. މި މުބާރާތުގެ މިދިޔަ ދެ ފަހަރުގެ ޗެމްޕިއަން ސްރީލަންކާއިން މުބާރާތުގައި ވާދަކުރާ ގޮތަށް އޮތް ނަމަވެސް މުބާރާތް ފެށެން މަހަކަށްވެފައިވަނިކޮށް، އެގައުމުން ވަނީ ނަން ނަގާފައެވެ.