ރ.އިނގުރައިދޫގައި ހޭންޑްބޯލް ޖޫނިއަރ ރެފްރީސް ކޯހެއް ކުރިޔަށް ގެންގޮސްފި

24 އޯގަސްޓު 2023

މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގައި ހޭންޑްބޯލް ޖޫނިއަރ ރެފްރީސް ކޯހެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ 8 އޮގަސްޓް 2023 އިން 17 އޮގަސްޓް 2023 ގެ ނިޔަލަށެވެ. މި ކޯހުގައި ޖުމްލަ 21 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 15 އަންހެން ބައިވެރިންނާއި 06 ފިރިހެން ބައިވެރިންނެވެ.
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގައި މިނިސްޓްރީގެ ދަށުން، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށްގެންދިޔަ މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ރެފްރީން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީން ތަމްރީން ކުރުމެވެ.
ދިހަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ހޭންޑްބޯލް ރެފްރީންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވުނެވެ. ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައިވެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވީ ހޭންޑްބޯލް މޯލްޑިވްސްގެ ތަޖުރިބާކާރު ރެފްރީން ކަމުގައިވާ އަލްފާޟިލް އަބްދުﷲ ސަމީޙް އާއި އަލްފާޟިލާ ޝިޒްނާ ރަޝީދެވެ.