އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ ޖޫނިއާ ބައިން ރިހި މެޑަލް ހޯދި މަރިޔަމް އީޝަލް މިސްބާހު އެނބުރި މާލެ އައުމުން އޭނާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއާ މުބާރާތުން ހޯދި މެޑަލް އާއިއެކު އީޝަލް މާލެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫޙު އަޙުމަދު ސައީދު އެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު އާސިމް އާއި ޝޫޓިން އެސޯސިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 9ގައި ކިޔަވަމުން އަންނަ އީޝަލް ރިހި ދުނިޔޭގެ 21 ޤައުމެއްގެ ޝޫޓަރުން ބަލިކޮށްގެންނެވެ. އޭނާ މެޑަލް ހޯދީ ޖޫނިއާ އަންހެން ކުދިންގެ އެއާ ޕިސްޓަލް ކެޓަގަރީގައި ވާދަކޮށް 229.9ގެ ސްކޯއަކާއެކުގަ އެވެ. މި އިވެންޓުން ރަން މެޑަލް ހޯދި ޗައިނީސް ތައިޕޭގެ ޝޫޓަރު ހޯދީ 231.2ގެ ސްކޯއެކެވެ.
އީޝަލްއަށް ރޭ މަރުޙަބާ ކިޔުމަށް ޝޫޓިން އެސޯސިއޭޝަންގެ އެކްސްކޯ މެންބަރުންނާއި، ކޯޗުންނާއި، ޝޫޓަރުންގެ އިތުރުން އީޝަލްގެ އާއިލާގެ ގިނަ މެންބަރުންތަކެއް ތިއްބެވެ.
އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގައި އީޝަލް ރިހި މެޑަލް ހޯދިއިރު، ޤައުމީ ޓީމުން ވަނީ މި މުބާރާތުގައި ތިން ގައުމީ ރެކޯޑެއްވެސް ހަަދާފަ އެވެ.